މޮބައިލް އިންޓަނެޓްގެ އަގަށް އަންނަ ބަދަލު ހުކުރު ދުވަހުގެ ކުރިން ކުންފުނިތަކުން އިއުލާންކުރާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.

ޗީފް އެގްޒެކްޓިވް އިލްޔާސް އަހުމަދު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ މޮބައިލް އިންޓަނެޓްގެ ޕެކޭޖްތަކަށް ގެންނަ ބަދަލުތައް ކުންފުނިތަކުން ކަނޑައަޅައި ނިންމާފައިވާ ކަމަށެވެ. އަދި އެ އަގުތައް އަންނަ ހުކުރު ދުވަހުގެ ކުރިން ކުންފުނިތަކުން އާއްމުކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ވައުދާ އެއްގޮތަށް އިންޓަނެޓްގެ އަގަށް ގެންނަ ހެޔޮ ބަދަލުގެ ތެރެއިން މޮބައިލް ޑޭޓާ އެކި ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އެގޮތުން ޑޭޓާ އެލަންވަންސަށް ބޮޑުކުރެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ފިކްސްޑް ބްރޯޑް ބޭންޑް ޕެކޭޖްތަކުގެ އަގުތަކަށް ބަދަލު ގެނައިރު ގާތްގަނޑަކަށް 30 ޕަސެންޓް އަގުހެޔޮކޮށްފައިވެ އެވެ. އެކަމަކު "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ފިކްސްޑް ބްރޯޑްބޭންޑާ އެއްވަރުގެ ބަދަލެއް މޮބައިލް އިންޓަނެޓަށް ނުގެނެ އެވެ.

މޮބައިލް އިންޓަނެޓްގެ ޕެކޭޖްތަކަށް ގެންނަ ބަދަލުތަކެއް ދިރާގާއި އުރީދޫން އަދި ހާމައެއް ނުކުރެ އެވެ.