ށ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފި ކަމަށް މިމަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެެވެ. އަދި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެެވެ.

ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

1980ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ އެމްޓީސީސީން ވަނީ ސަރުކާރާއި ގުޅިގެން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.