މިނިމަމް ވޭޖެއްގެ ގޮތުގައި ދޭނެ މިންވަރެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށާއި އެކަމާމެދު ދަނީ މިނިމަމް ވޭޖް ބޯޑުގައި މަޝްވަރާކުރަމުން ކަމަށް އެ ބޯޑުގެ ޗެއާޕާސަން ރިޔާޒް މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ އެ ބޯޑަށް މިހާތަނަށް ހަ ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ބޯޑުގެ ނިންމުމަކީ އިތުރު ޕްރޮޕޯސަލެއް ބަލައިނުގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް އުނި އިތުރު ގެނެވިދާނެ ކަމަށް ނިންމާފައި ވަނީ. ނަމަވެސް އިތުރު ޕްރޮޕޯސަލެއް ބަލައިނުގަންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ އެތައް ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ އެ އަދަދުތައް ކަނޑައަޅާނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ބޯޑަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަން ރިޔާޒް ބޭނުންފުޅެއް ނުވެ އެވެ.

"ބޯޑުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ދެންނެވިދާނެ. އަޅުގަނޑުމެން ވެސް ގަބޫލުކުރަން މިހާރު އެކަން ނިންމަން ލަސްވެއްޖެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ބޯޑުން މިހާރު މަޝްވަރާކުރަމުން ދަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް މިނިމަމް ވޭޖެއް ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެއަށް ވުރެ އަވަސްވެ، ނުވަތަ ލަސްވުން ވެސް އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.