ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އެ ރަށުގައި ގާއިމުކުރި ސެންޓަރުގެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެ ބޭންކުން ބުނީ އެ ހިދުމަތާއެކު ތ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ތިން ރަށަކުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ގުރައިދޫ އަދި ވޭމަންޑޫގައި ވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ސެންޓަރުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ. އަދި ހަމަ އެހެންމެ ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ،" ބީއެމްއެލް އިން ބުންޏެވެ.

ތ. ތިމަރަފުށީގައި ހެދި ބީއެމްއެލް ސެލްފް ސާވިސް ސެންޓަރު. ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސާވިސް ބޭންކިން ސެންޓަރު، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.