ހުޅުމާލެގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓަށް ބަދަލުވި ފަރާތްތަކުގެ ތެރެއިން ކަރަންޓުގެ ހިދުމަތް ރަޖިސްޓާކުރުމަށްފަހު ވެސް އެކި ސަބަބުތަކާ ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކުން އެކަން ސްޓެލްކޯއަށް އެންގުމަށް އެދިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ހިދުމަތައް ރަޖިސްޓާކުރުމަށް ފަހު، އެކި ސަބަބުތަކާ ހެދި ކަނެކްޝަން ލިބިފައި ނުވާ ފަރާތްތަކަށް ކަނެކްޝަނަށް އެދި ހުށަހެޅޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 6،106 ފަރާތަކުން ކަރަންޓްގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ 5،828 ފަރާތްތަކުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެގްރިމަންޓުގައި ސޮއި ކުރި ފަރާތްތަކުގެ ތެރެއިން 280 ފަރާތަކަށް އެކި ސަބަބުތަކާއި ހެދި ކަނެކްޝަން ދެވިފައިނުވާ ކަމަށެވެ. އަދި ކަރަންޓްގެ ކަނެކްޝަން ދިނީ 95 އިންސައްތަ ކަސްޓަމަރުންނަށް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެ ޕްރޮޖެކްޓުގެ ދަށުން 6،720 މީހަކަށް ފްލެޓް ލިބިފައިވާއިިރު އޭގެ ތެރެއިން 60 އެއްހާ މީހުން މިހާރު ފްލެޓްގައި ދިރިއުޅެން ފަށައިފަ އެވެ. އެކަމަކު މީހުން ބަދަލުވާން ފެށިއިރު ވެސް އެތަނުން އެއްވެސް އަސާސީ ހިދުމަތެއް ނުލިބޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

އެހެންވެ އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.