ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު މޮނިޓާކުރަން ވެސް އިންޑިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގައުމީ ސަލާމަތާ ގުޅުން ހުރި މިފަދަ ގިނަ އެއްބަސްވުންތަކެއްގައި އިންޑިއާ އާއެކު ސޮއިކޮށްފައި ވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އިންޑިއާގެ، ދުރުރާސްތާ ކަނޑު އުޅަނދު ޓްރެކިންގް ނިޒާމު، ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން (އެލްއާރްއައިޓީ) ރާއްޖެއިން ހިލޭ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް ތިމާވެށި ޙިމާޔަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނޑު ދަތުރުފަތުރުގެ ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކާއި، އެ ދާއިރާއިން މީހުން ބިނާކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.

"މިއެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑިއާގެ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން އޮފް ޝިޕް (އެލްއާރްއައިޓީ) ނިޒާމާއި، އެ ގައުމުގެ މިނިޒާމުގެ ދަށުން ގާއިމު ކުރެވިފައިވާ އިންޑިއާގެ ގައުމީ ޑޭޓާ ސެންޓަރުގެ އިތުރުން އެ ނިޒާމުގެ ޓެސްޓު ފެސިލިޓީ، އެއްވެސް އަގަކާ ނުލައި ބޭނުން ކުރެވޭނެ. އިންޑިއާގައި 2009 ވަނަ އަހަރު ގާއިމުކުރި ޑޭޓާ ސެންޓަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެލްއާރުއައިޓީ ނިޒާމާ ގުޅުވާލާފައި،" އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންޑިއާއިން ގާއިމުކޮށްފައިވާ އެ ނިޒާމަކީ 24 ގަޑިއިރު މި ސަރަހައްދުގެ ކަނޑު ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މޮނިޓަރ ކުރަމުންދާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ސަބަބުން ޝިޕިން ކުންފުނިތަކަށް ވެސް ބޯޓު ފަހަރު ހަރަކާތްތެރިވާ ގޮތް އެނގިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ދާދިފަހުން އިންޑިއާއިން ދަތުރުކުރި ބޯޓެއް އިންޖީނު ހުއްޓިގެން ކ. ރަސްފަރި ފަރަށް އަރާފައިވާއިރު، މި ނިޒާމުގެ ތެރެއިން، ބޯޓުފަހަރު ފަރަށް އެރުން ފަދަ ހާދިސާތައް ވަގުތުން އެނގިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެއަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމަކަށްވާތީ މެންބަރު ގައުމުތަކުން އެ ނިޒާމް ބޭނުންކުރުން ލާޒިމްކުރާ ކަމަށެވެ. އަދި އިންޑިއާގެ އެ ނިޒާމު 2014 ވަނަ އަހަރުން ފެށިގެން އަވައްޓެރި ސްރީ ލަންކާއިން ވެސް ބޭނުންކުރާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.