ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮ ކުރަން އިސްނަގާ ކުރި މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް (ކޭމް) އިން އެޕްރޫވްކުރި ގޮތަށް ބަދަލުތައް މާދަމާ ގެންނަން ނިންމައިފި އެވެ.

ދިރާގުން ބުނީ ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 ޕަސަންޓާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 ޕަސަންޓާ ހަމައަށް ހެޔޮ ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާ އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 ޕަސަންޓާ ހަމައަށް ހެޔޮވާނެ ކަމަށް ދިރާގުން ބުންޏެވެ.

އޭގެ އިތުރުން، އެލްޓީއީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިފަހަރު ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށާއި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެ ކަމަށެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފަވާ ޕްލޭނެއް ކަމަށް ދިރާގުން ބުނެ އެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކްސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، އެ ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ބުނީ ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނޭ ކަމަށެވެ. ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނޭއިރު ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސް ވެސް ހިމަނާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްލާގެން ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ހަމަ އެންމެ ޕްލޭނަކުން ލިބެން ހުންނާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

އޭގެ އިތުރުން، އެ ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިން، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕާކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް މިރޭގެ 12:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށާއި އެ ދުވަހުގެ 6:00 އަށް ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ބަދަލުތައް ފެންނާނެ ކަމަށެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި އެ ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާ ތަނަވަސްކަން ގެނެސްދިނުން ކަމަށް ދިރާގުން ބުނެ އެވެ.