ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮކުރުމަށް ވެފައިވާ ވައުދު ފުއްދައިދިނުމުގެ ގޮތުން އުރީދޫން ވެސް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކޮށް، އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ގަތަރުގެ ކިއު ޓެލްގެ މެޖޯރިޓީ ހިއްސާ އޮންނަ އުރީދޫން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ތަޢާރަފްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ އާއެކު، ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި 80 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބޭނެ ކަމަށެވެ.

"އިތުރުވަމުން އަންނަ ޑިޖިޓަލް ޚިދުމަތްތަކާއެކު ކަސްޓަމަރުންގެ ބަދަލުވަމުންއަންނަ ބޭނުންތަކާއި އެއްގޮތުގެ މަތިން ހެޔޮ އަގުގައި ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރެއެވެ." އެ ކުންފުނިން ބުންޏެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސާއެކު 38 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ވެސް ތިރިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެއެވެ." އުރީދޫން ބުންޏެވެ.

30 ޕަސެންޓް އިތުރު ޑޭޓާއާއެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް

  • 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއެކު އައު ޕްލޭންތަކެއް ތައާރަފްކޮށްފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވެ، ކުރިއަށް ވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެ.
  • ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބާ، ޓުވިޓާ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ހާއްސަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެ.
  • މީގެ އިތުރުން ނެޓުހެޔޮ ޕޯސްޓޕެއިޑް 600 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލާ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ.

އުރީދޫން ބުނީ މިއަދު ތަޢާރަފްކުރި އާ ޕްލޭންތައް އުރީދޫ ސެލްފްކެއާ އެޕް، އުރީދޫ އެޕް: http://ore.do/app މެދުވެރިކޮށް ނެގޭނެ ކަމަށެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓް އިތުރު ޑޭޓާ އަދި އިތުރު 80 ޕަސެންޓް ބޯނަސް ޑޭޓާ

  • 25 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސާއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް 20 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެ. މިބަދަލާއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ އިންޓަނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެ.
  • މީގެ އިތުރުން، ޙާއްޞަ އޮފާއެއްގެ ދަށުން 2021ގެ ނިޔަލަށް 80 ޕަސެންޓާ ހަމައަށް އިތުރު ބޯނަސް ޑޭޓާ ވެސް ލިބިގެންދާނެ.
  • ހަމައެއާއި އެކު، ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާގެ ޚިދުމަތް ވެސް ލިބޭނެ.
  • ޑޭޓާ ރޯލް އޯވާގެ ޚިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ.
  • ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެ.

އުރީދޫން ބުނީ މިއަދު ތައާރަފުކުރި އާ ޕެކޭޖްތައް މިރޭ 12:00 ން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.