މާލޭގައި 74 ޕަސެންޓް ގޭބިސީގެ މީހުން ދިރިއުޅެނީ ކުއްޔަށް ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް (އެންބީސީ) އިން ބުނެފި އެވެ.

އެންބީސީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖޭގައި ކުއްޔަށް ދިރިއުޅޭ ގޭބިސީގެ ނިސްބަތަކީ 38 ޕަސެންޓެވެ. މާލޭގައި ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި 74 ޕަސެންޓް މީހުންނަކީ ކުއްޔަށް ދިރިއުޅޭ ގޭބިސީތަކެވެ. އަދި އަތޮޅުތަކުގައި ކުއްޔަށް ދިރިއުޅެނީ ގޭބިސީގެ އެންމެ ފަސް ޕަސެންޓް އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި 12،683ރ. ދައްކަ އެވެ. އެ އަދަދު މާލޭގައި މަތިކަން ފާހަގަކުރެވޭ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

އެންބީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 13،494 ރުފިޔާ ކުލީގެ ގޮތުގައި ދައްކާއިރު އަތޮޅުތަކުގައި ކުލީގެ ގޮތުގައި ޖެހޭ މިންވަރަކީ 2،668 ރުފިޔާ އެވެ.

އެ ބިއުރޯއިން ހެދި ސާވޭ އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކަށްބަލާއިރު ޖުމްލަ 87،538 ގޭބިސީ ހިމެނެ އެވެ. މީގެ ތެރެއިން 48 ޕަސެންޓަކީ މާލޭގައި ހިމެނޭ ގޭބިސީ އެވެ.

އެސާވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ޖުމްލަ ގޭބިސީތަކުގެ ތެރެއިން 63 ޕަސެންޓް ދިރިއުޅެނީ ގެތަކުގައެވެ. މާލެއަށް ބަލާއިރު ހަތަރުބައިކުޅަ ތިންބައި ނުވަތަ 75 ޕަސެންޓް ގޭބިސީ ދިރިއުޅެނީ ފްލެޓާއި އެޕާޓްމަންޓްތަކުގަ އެވެ. އަތޮޅުތަކުގައި ޖުމްލަ އާއި ގާތްކުރާ އަދަދަކަށް ގޭބިސީތައް ދިރިއުޅެމުންގެންދަނީ ގޭގޭގަ އެވެ.