ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކުރި އާއިލާއެއްގެ ދަރިފުޅު ކޮނޑަށް ލައި، ގެއަށް ގެންދިޔަ މަންމައަށް ލިޓަސް އޮޓޯމޮބައިލްސްއިން ސައިކަލެއް ހަދިޔާކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް ގިނަ އަދަދެއްގެ ބަޔަކު ބަދަލުވިއިރު އެތަނުގައި ބަސް ދަތުރުގެ ހިދުމަތް ލިބޭކަށް ނެތެވެ. މިހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ޓެކްސީގައި ކޮޅަކަށް 40 ރުފިޔާ އެވެ. ނަމަވެސް އާއްމުންގެ ޝަކުވާ ބޮޑުވުން އެމްޓީސީސީން ވަނީ ދެވަނަ ފިޔަވައްސަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަސް ދަތުރުގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ކޮނޑުމަތީގައި ކުޑަކުއްޖަކު އުފުލި އާއްމުންގެ ސަމާލުކަމަށް އައީ ދެވަނަ ފިޔަވައްސަށް މަންމައަކު އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯގައި ކުއްޖާގެ މަންމަ، ކުއްޖާ ކޮނޑަށް ލައިގެން ދުރު ރާސްތާއަކަށް ހިނގާފައިދާ މަންޒަރު ފެންނަމުންދެ އެވެ.

މިކަން ގިނަ ބަޔަކަށް ފާހަގަވެފައިވާއިރު، ރާއްޖޭގައި މޮޓޯ ވެހިކަލްގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ލިޓަސް އިން ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއިއެކީ ކުއްޖާގެ މަންމަ ވަސީމާ މޫސާއާ ގުޅޭނެ ނަމްބަރެއް ހޯދައި އޭނާއަށް ސައިކަލެއް ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން އެ ކުންފުނިން ހަދިޔާކުރި އެ ސައިކަލު ދެ އަހަރު ދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން ދެ އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލްގެ ހަރަދު ވެސް އެ ކުންފުނިން ހަމަޖައްސައި ދީފައިވާނެ ކަމަށް ލިޓަސް އިން ބުންޏެވެ.