އޮސްޓްރިއާގެ ގައުމީ އެއާލައިން "އޮސްޓްރިއަން" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

މިއަހަރުގެ ފިނިމޫސުމާ ދިމާކޮށް އޮސްޓްރިއަން އިން ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

އޮސްޓްރިއަން އެއާލައިންސް އިން ބުނީ، އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ހަފުތާއަކު ތިން ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުން ކުރާނީ ދިގު ދަތުރުތަކުގައި ބޭނުންކުރާ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކެވެ. އެއީ 301 އާއި 368 ފަސިންޖަރުންގެ އިކޮނޮމީ ކުލާހުން ފެށިގެން ބިޒްނަސް ކުލާހާ ހަމައަށް ސީޓް ހުންނަ ބޯޓުތަކެކެވެ.

އޮސްޓްރިއަން އެއާލައިންސް އިން މިދިޔަ އަހަރުގެ ފިނިމޫސުމާ ދިމާކޮށް ވެސް ރާއްޖެއަށް ދަތުރުތައް ބޭއްވި އެވެ. އެ ފަހަރު ބާއްވާފައި ވަނީ ހަފުތާއަކު ދެ ދަތުރެވެ.