ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ދިރާގުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ދޭން ފަށައިފި އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ދިރާގުގެ ފަރާތުން އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ސޮއި ކުރެއްވިއިރު، އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.

މި ހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެގްރީމެންޓުގައި ސޮއިކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ހޯދި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ދިރާގުން ބުނީ މާދަމާއިން ފެށިގެން މިމަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:30 އިން 6:00 އަށް ހިޔާ ފްލެޓް ސަރަހައްދުގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތެރިވާނެ ކަމަށެވެ. މިއީ ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގު ސީއީއޯ އިސްމާއިލް ވިދާޅުވީ އެޗްޑީސީ އާ ގުޅިގެން، ހުޅުމާލެ ފޭސް ދޭއްގައި އާބަދުވަމުން އަންނަ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދިނުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށެވެ.

"އެޗްޑީސީއާއެކު މި ވެވޭ އެއްބަސްވުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަކީ ވެސް މާލޭގެ އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، އެއް އަގެއްގައި ދެވޭނެ ޚިދުމަތްތަކެއްކަން ޔަޤީން ކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހައިލް ވިދާޅުވީ "ހުޅުމާލެ ފޭސް ދޭއްގައި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޏަކަށް ދިރާގު ވެގެން ދިޔުމާކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެ ކުންފުނީގެ ވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުންކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ 'ސްމާޓް ސިޓީ'އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

"ދިރާގާއި އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏަށް ވީއިރު، އެ ދެ ކުންފުނީގެ ވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމައުތައް ބިނާކޮށް ތަރައްގީ ކުރުން. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޙިދުމަތް ދޭންފެށި ކުންފުނިތަކައިއެކު ދިރާގުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައި،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ދިރާގުން ބުނީ މިހާރު ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ 50،000 އަށްވުރެ، ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް އަންނަނީ ފޯރުކޮށްމުންނެވެ.

އެ ކުންފުނިން ބުނީ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސާވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ހިދުމަތް އެއް ފައިބާ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ދިރާގުން މަސައްކަތްކުރަނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.