ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހު ދެއްކި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް މިހާތަނަށް ކަނޑައެޅިފައިނުވާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވުނު ދުވަހަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ނިންމެވީ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަސް، އާދެ. ކުރުނބާ ވިލެޖްގެ ނަމުގައި މި ރިސޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ހަފްލާގައި ރައީސް ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ މޭސްތިރިންނާއި، އިންވެސްޓަރުން އަދި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވަނީ ސުކުރު އަދާކުރައްވާފަ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި އަންނަނީ ފާހަގަ ކުރައްވަމުންނެވެ.