މިދިޔަ މަހު ރާއްޖެއަށް 114،896 ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އައިސްފައި ވަނީ 114،896 ފަތުރުވެރިންނެވެ.

މިއީ ވޭދުވެދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ. މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 143،599 އެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 43،161 ފަތުރުވެރިންނެވ. ދެ ވަނަ އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވާ ރަޝިޔާއިން ރާއްޖެއަށް އައިސްފައިވަނީ 11،435 ފަތުރުވެރިންނެވެ. ތިން ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޖަރުމަނުންނެވެ. އެމެރިކާ ހަތަރު ވަނާގައި އޮތްއިރު ފަސް ވަނާގައި އޮތީ ސައުދީ އަރަބިއްޔާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 164 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ. އަދި 761 ގެސްޓްހައުސް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 160 ސަފާރީއަކާއި، 11 ހޮޓަލެއް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ.