ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ލަސްވާނަމަ، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ބަޔަކު، މަގާމުން ވަކިކުރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކުގެ މަސައްކަތް ލަސްވާނަމަ، އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބަޔަކު، މަސްއޫލިއްޔަތުތަކުން ދުރުކޮށް، އެމަގާމުތަކަށް އައު ބަޔަކު ހޯދާނެ ކަމަށެވެ.

މިނިސްޓަރު އަމީރު މިދަފައިން ވިދާޅުވީ ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޮމެންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

މިގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުން ރައްޔިތުން ބަލަން ބޭނުންވާ ކުރިއެރުމާއި، އެދެވޭ މަންފާ ލިބޭނީ އެމަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަ މަސައްކަތަކާއިއެކުގައި ނިންމުމުން ކަމުގައި އަމީރު ވިދާޅުވިއެވެ.

އެއާއިއެކު މަޝްރޫއުތައް، ކަނޑައަޅާ ތާރީހަށް، ތާވަލުކުރެވިފައިވާ ގޮތެކޭ އެއްފަދައިން ނިންމެން ޖެހޭނެކަން ފާހަގަކުރައްވައި އަމީރު ވަނީ އެކަން އެގޮތަށް ނުވެއްޖެނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގައި ތިބޭ މުވައްޒަފުން ވަކިކޮށް އާ މުވައްޒަފުންނާއި އެ މަސައްކަތް ހަވާލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޝްރޫޢުތައް ލަސްވެ ހިންގުމުގައި އުޅޭ މީހުންނަށް ފިޔަވަޅެއް ނާޅާނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނެ. މިތަނަށް ހުށަހެޅި ރެކޮމެންޑޭޝަންތަކުން ވެސް އިނގެނީ ޕްރޮޖެކްޓް ޓައިމްލައިން ހިފަހައްޓަން ޖެހޭ ކަން. ކަނޑައެޅިފައިވާ ޓައިމްލައިނަށް ޕްރޮޖެކްޓު ނުނިމެނީ ނަމަ ޕީއެމްޔޫ ބަދަލުކުރާނަން. އެހެން ނޫނީ އާ މުވައްޒަފުން ހޯދާނަން
މިނިސްޓަރު އިބްރާހިމް އަމީރު

އޭގެ އިތުރުން، އެފަދައިން ފިޔަވަޅު ނާޅާނަމަ، މަސައްކަތާއި ހަވާލުވެފައިވާ މީހުންނަށް މަސައްކަތް ނިންމުމުގެ މުހިންމުކަން ނުވިސްނޭނެކަމަށާއި، އޭރުން، މަހު މުސާރަ ނަގައިގެން އެގޮތުގައި ތިބޭނީކަމަށް އަމީރު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން މިހާތަނަށް ރާއްޖޭގައި އެކަށީގެންވާ އަދި ފާހަގަކުރެވޭވަރު ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާފައިނުވެ އެވެ. އޭގެ އިތުރުން ނިމިދިޔަ ސަރުކާރުން ވެރިކަން ކުރިއިރު، ފަށާފައިވާ ގިނަ މަޝްރޫއުތައް ވެސް ކުރިއަށް ނުގޮސްވާކަން ފާހަގަވެ އެވެ.