ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅައި، އެކަން އިކޮނޮމިކް މިނިސްޓަރުގެ ލަފައަށް ފޮނުވައިފި އެވެ.

މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ރޭ ނިންމީ ރާއްޖޭގައި އެންމެ ދަށްވެގެން މުސާރައިގެ ގޮތުގައި މަހަކު 5،700ރ. ދޭން ވާނެ ކަމަށެވެ.

ވޭޖް ބޯޑަށް ހުށަހެޅި ހަ ޕްރޮޕޯސަލްގެ ތެރެއިން މެމްބަރުން ބަހުސްކުރުމަށްފަހު ނިންމި ނިންމުމުގައި ވަނީ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. ކަމަށެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރުވާ ނަމަ މަހަކު އެންމެ ދަށްވެގެން މުސާރައިގެ ގޮތުގައި 5،700ރ. ދޭން ޖެހޭނެ އެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން ދެވޭނެ އަދަދަކީ 8،000ރ. ކަމަށާއި ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. ދޭން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

އެކި ލެވެލްތަކަށް މިނިމަމް ވޭޖެއް ކަނޑައެޅިއިރު، އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅަ އެވެ. ރޭ ކަނޑައެޅި އަދަދުތަކަކީ މި ވަގުތު ހަމައެކަނި ދިވެހިންނަށް އެކަނި ކަނޑައެޅި އަދަދުތަކެއް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ބިދޭސީން މީގެ ތެރޭގައި ނުހިމެނެ އެވެ.

މިނިމަމް ވޭޖް ބޯޑުން މި ފާސްކުރީ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފާ ފާސްކުރާ ހިސާބުންނެވެ.

މިނިމަމް ވޭޖް ބޯޑުގެ އެ ބޯޑުގެ ޗެއާޕާސަން ރިޔާޒް މަންސޫރު މިދިޔަ ހަފުތާގައި "ހުރިހާ"އަށް ވިދާޅުވީ ބޯޑުން މިހާރު މަޝްވަރާކުރަމުން ދަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް މިނިމަމް ވޭޖެއް ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެއަށް ވުރެ އަވަސްވެ، ނުވަތަ ލަސްވުން ވެސް އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.