އެންމެ ކުދި ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރެއްގެ ގޮތުގައި ގަޑިއިރަކަށް 24.04 ރުފިޔާ ކަނޑައަޅައިފި އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ މުސާރަ ކަނޑައަޅެމަށް ފަހު މިނިމަމްވޭޖް ބޯޑުން ވަނީ އެކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ލަފަޔަށް އަރުވާފަ އެވެ. މިނިމަމް ވޭޖް ކަނޑައެޅި އެގޮތަށް އަމަލު ކުރެވިގެންދާނީ އިކޮނޮމިކް މިނިސްޓަރު މި ލަފަޔަށް އަމަލުކުރަން ނިންމަވައި އެކަން އާންމުކުރެއްވުމުންނެވެ.

މިނިމަމްވޭޖް ބޯޑުން، މިނިސްޓަރު ފައްޔާޒަށް އަރުވާފައިވަ ލަފާގައި ފާހަގަ ކުރައްވާފައިވަނީ މިނިމަމް ވޭޖު ބެހިގެންދާނެ ގޮތާއި އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގައި ބަލާނެ ގޮތްތަކެވެ.

މިނިމަމް ވޭޖް ކަނޑައެޅީ މައިގަނޑު ހަތަރު ދާއިރާއަކަށް ވަކިވަކިން. އެއީ:

  • ސިވިލް ސާވިސް ނުވަތަ ޕަބްލިކް ސެކްޓަރު
  • ކުދި ވިޔަފާރިތައް
  • މެދުފަންތީގެ ވިޔަފާރިތައް
  • ބޮޑެތި ވިޔަފާރިތައް

މިދާއިރާތަކަށް މިނިމަމްވޭޖް ގޮތުގައި ކަނޑައެޅި އަދަދުތަކަކީ:

  • ސިވިލް ސާވެންޓުންނަށް ނުވަތަ ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާ. އެއީ ދުވާލަކު ހަ ގަޑިއިރަށްވުރެން މަދުން މަސައްކަތްކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ގަޑިއިރަކަށް 33.65 ރުފިޔާ.
  • ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5700 ރުފިޔާ. އެއީ ގަޑިއިރަކަށް 24.04 ރުފިޔާ.
  • މެދު ފަންތީގެ ވިޔަފާރިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ 8000 ރުފިޔާ. އެއީ ގަޑިއިރަކަށް 33.65 ރުފިޔާ.
  • ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،200 ރުފިޔާ. އެއީ ގަޑިއިރަކަށް 42.79 ރުފިޔާ.

ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ ވެސް އަދި ކަނޑައެއް ނާޅަ އެވެ. މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުމުގައި ވަނީ ބިދޭސީން މިނިމަމް ވޭޖްގެ އުސޫލަށް އަމަލުކުރަން ފަށާނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައިފަ އެވެ. ގާނޫނުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާތާ ދެ އަހަރު ފަހުންނެވެ.

ނަމަވެސް މި ބަދަލު ގެންނަން ނިންމީ ކޮވިޑާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ރޭ ކަނޑައެޅި އަދަދުތަކަކީ މި ވަގުތު ހަމައެކަނި ދިވެހިންނަށް ކަނޑައެޅި އަދަދުތަކެކެވެ.