މިހާރު ގިނަ ބަޔަކު ދިރިއުޅުން ބަދަލުކުރަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސުކޫލެއް އަޅައިދޭނެ ބައެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސުކޫލެއް އަޅަށް ފިނޭންސް މިނިސްޓްރީން އިއުލާންކުރާ މީއީ ދެވަނަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އެޅުމަށް މީގެ ކުރިން އިއުލާނު ކުރެވުނު ނަމަވެސް އެކަމަށް އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށެވެ.

އެއާއެކު އަނެއްކާ ވެސް މި މަސައްކަތް ކުރުމަށް ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ވެސް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މި މަސައްކަތް ކުރުމަށް ބީލަށް ހުޅުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަލަށް މީހުން އާބާދުވާން ފަށާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ނިންމާފައިވާއިރު، ބައެއް ސްކޫލްތައް ހެދުމަށް ކުންފުނިތަކަކާ ވަނީ ހަވާލުކޮށްފަ އެވެ.

އޭގެ ތެރޭގައި ތިން ސްކޫލެއް ހެދުމަށް ހަވާލުކުރެވިފައވާއިރު، ފުރަތަމަ ސްކޫލް އަޅަން ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އަންނަ އަހަރުގެ މާރިޗް މަހަށް ނިންމާ ގޮތަށް އަމިން ކޮންސްޓަރަކްޝަނާ އެވެ. ދެވަނަ ސްކޫލް މިދިޔަ ޖޫން މަހު އާރުސީސީއާ ހަވާލުކޮށްފައިވާއިރު، ތިންވަނަ ސްކޫލް ހެދުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ އައިލެންޑާސް އެޑިޔުކޭޝަން މޯލްޑިވްސް އިން މިދިޔަ ހޮނިހިރު ދުވަހު އެވެ.