މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ސޮއިކޮށްފި އެވެ.

އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓޫވާޓް އެވެ.

މި އެގްރީމެންޓް ގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސްޓީއޯއިން ސަޕްލައި ކޮށްދޭނެ އެވެ.

އެމްއޭސީއެލްއިން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއް އަހަރާއި ހަ މަސް ދުވަހަށް އާކޮށްފައިވާއިރު، އެސްޓީއޯއިން އެމްއޭސީއެލްއާ ދެމެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭތާ ގިނަ އަހަރުތަކެއްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިންގް ޚިދުމަތްދެނީ އެސްޓީއޯއިން އެވެ.