ދުބާއީގެ އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރު ހަފުތާއަކު 10 ފްލައިޓަށް އަދި ރަޝިއާގެ އެއިރޯފްލޮޓް ހަފުތާއަކު ހަތަރު ކުރަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެމިރޭޓްސް މިހާރު ހަފުތާއަކު ހަތް ދުވަހު ކުރާ ދަތުރު ދިހަ ދަތުރަށް އިތުރުކުރަން ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ހޯމަ، ބުދަ އަދި އާދީއްތަ ދުވަހު އިތުރު ދަތުރެއް ކުރާނެ ކަމަށް ވެސް އެ އެއާލައިނާ ހަވާލާދީ އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ރަޝިއާއިން އަންނަ އެއިރޯފްލޮޓްގެ ދަތުރުތައް ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަފުތާއަކު ދެ ދަތުރުކުރާ އެއާލައިނުން އިތުރު ދެ ދަތުރުކުރަން ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު 12 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ދަތުރުތައް ކުރަނީ އެމިރޭޓްސް އިންނެވެ. މިދިޔަ ޖުލައި 15ން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް އެއާލައިނުން 162 ދަތުރުކޮށް 13,379 މީހުން ގެނެސްފައިވެ އެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ދަތުރުތައް ފެށި ރަޝިއާގެ އެއިރޯފްލޮޓުން 24 ދަތުރުކޮށް 3,961 މީހުން ރާއްޖެ ގެނެސްފައިވެ އެވެ.