ރ. ދުވާފަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފި އެވެ.

ސުނާމީގައި ދޮވެލި ރ. ކަނދޮޅުދޫ މީހުން އަލުން އާބާދުކުރި ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިފައިވާއިރު، އެރަށު ބިން ހިއްކުމުގެ މަސައްކަތް ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލައިފަ އެވެ.

މި މަސައްކަތް ފެށުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން 315 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ދުވާފަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއަކީ 143.1 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.