ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް ކަމަށްވާ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސް( ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

ހަތަރު ވަނަ ފަހަރަށް ބީއެމްއެލްއަށް ލިބުނުއިރު، މި އެވޯޑް ބޭންކާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް ބޭންކް ހޮވިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށް ވެސް ދިމާވި ކޮވިޑުގެ ހާލަތުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މިގޮތުން ކޮންމެ އަހަރަކު ދޭ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ދޭ އެވޯޑެކެވެ.

އޮންލައިންކޮށް ބޭއްވުނު މި ހަފްލާގައި ބީއެމްއެލްގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒްއާއި، ހެޑް އޮފް ބްރާންޗެސް އެންޑް ސާވިސް ސެންޓާސް، ޙުސައިން ރަޝީދުގެ އިތުރުން ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީ އެވެ.

ހަތަރު ވަނަ ފަހަރަށް މި އެޥޯޑް ލިމުބަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކަށްވީ އަޅުގަނޑުމެންގެ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން. އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން
ބީއެމްއެލްގެ ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު

ރާއްޖޭގައި ބެންކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ބެންކުގެ ގޮތުގައި ބީއެމްއެލް ފާހަގަކުރެވޭއިރު، ބީއެމްއެލްއިން ދަނީ ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްދެމުންނެވެ. ހަމައެހެންމެ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ގާބިލު، މުވައްޒަފުންގެ ގޮތުގައި ހެދުމަށް ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ.