ރާއްޖޭގެ އިގްތިސާދު އިއާދަވާ ދުވެލި އަނބުރާ އިއާދަވާ ދުވެލި ރަނގަޅުވަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިއަދު ބުނީ ރާއްޖެއަށް ކުރިމަތިލާންޖެހުނު ކޮވިޑުގެ ރާޅުން ސަލާމަތްވުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރައިގޮސް، ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، އިގްތިސާދު އަނބުރާ އިއާދަވުން ނާޒުކު ފައްތަރެއްގައި ހުރިއިރު އަދި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ ކޮވިޑުގެ ހާލަތު ދިމާވުމުގެ ކުރިން ރާއްޖޭގައި އިގްތިސާދު އޮތް ހާލަތަށް އަބުރާ އިއާދަވާން ވަގުތު ނަގާނެ ކަމަށް ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިގޮތުން އެންމެ ފަހުން ނެރުނު "ޝިފްޓިން ގިއާޒް، ޑިޖިޓައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓް"ގެ ނަން ދީފައިވާ ދެކުނު އޭޝިއާގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، މިއަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި، އަދި 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މިއަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބަލައިގެން ބިނާކުރެވުނު ރިޕޯޓެކެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް ބެލެވޭކަމަށް ވޯލްޑް ބެންކުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ފަގީރުންގެ ނިސްބަތް މިއަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށް ވެސް ވޯލްޑް ބެންކުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިޡާ އިން އަރައިގަތުމުގެ މަގުމަތީގައި. ނަމަވެސް، މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިޡާ އިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ
ކަންޓްރީ ޑިރެކްޓާ ފާރިސް އެޗް ހަދާދު ޒާވޮސް

އޭގެ އިތުރުން، ރާއްޖޭގެ އާބާދީގެ 63 އިންސައްތަވަރަށް މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކޮށް ވޯލްޑް ބެންކުން ވަނީ އެއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި އެ ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެއްކަން ފާހަގަކޮށްފަ އެވެ.

ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުން ހިދުމަތްތައް، ހާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ހިންގުމާ ގުޅުންހުރި ހިދުމަތްތައް، އެކްސްޕޯޓުކޮށްގެން އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑު
ޗީފް އިކޮނޮމިސްޓް ހޭންސް ޓިމާ

މީގެ އިތުރުން ހޭންސް ޓިމާ ވަނީ ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ކުރިއެރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުން ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ގާއިމްކުރަން ޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ.