ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން ދައްކަން ނިންމައިފި އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ބޮޑުތަކުރުފާނުގައި މަގުގައި ބަހައްޓާފައިވާ މާޓީވީން މެޗްތައް ދައްކަން ނިންމީ ދިވެހިންގެ ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

މިފަދަ ކޮންމެ ގައުމީ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ތިބޭނީ ގައުމީ ޓީމާއެކު އެވެ.

ސްޓެލްކޯގެ މާޓީވީ ހުންނާނީ ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑާ ދިމާލުގަ އެވެ. މި ޓީވީން މީގެ ކުރިން ވެސް ވަނީ ތަފާތު ޝޯތައް ދައްކައިފަ އެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ ފޯރިގަދަ މެޗު މިރޭ 9:00 ޖަހާއިރު ސްޓެލްކޯގެ މާޓީވީން ދައްކާނެ އެވެ.