ރާއްޖޭގައި ހިންގާ އެއްވެސް ވިޔަފާރި މުއާމަލާތެއްގައި ކްރިޕްޓޮ ކަރަންސީ ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން މިހެން ބުނެފައިވާއިރު، ކްރިޕްޓޮ ކަރަންސީ ބޭނުންކުރަން ފަށާފައި ވަނީ، ކ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާފައިވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ގާނޫނުން ކްރިޕްޓޮ ކަރަންސީ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން އެ ދެ ރިސޯޓަށް އަޅާނެ ފިޔަވަޅެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެ އެވެ.

ކްރިޕްޓޮ ކަރަންސީއަކީ އެއްވެސް މަރުކަޒީ ބޭންކެއްގެ ބާރު ނުހިނގާ ގޮތަށް ބްލޮކް ޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާމަލާތްތައް ހިންގަން ބޭނުންކުރާ ފައިސާއެކެވެ.

ރާއްޖޭގައި ކްރިޕްޓޮ ކަރަންސީން މުއާމަލާތްކުރަން ފަށާނެކަން އިއުލާނުކުރި ދެ ރިސޯޓު ހިންގާ ހޮޓައިލް ޗެއިނަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ކްރިޕްޓޮ ކަރަންސީ ބަލައިގަންނަން ނިންމި ހޮޓެއިލް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޗެއިނެކެވެ.

ރާއްޖޭގައި އެ ޗެއިނުގެ ރިސޯޓުތަކުން ބަލައިގަންނަން ނިންމީ ޔޫއެސްޑީ ކޮއިނާއި، ޓެދާ ޓޯކަންސްއެވެ.