ނިއު ދިއްލީ (09 އޮކްޓޯބަރު) - ބޮޑު ދަރަންޏަކާއެކު ގެއްލުމުގައި ހިންގާ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ، އެ ގައުމުގެ ޓާޓާ ސަންސް އިން ގަނެފި އެވެ.

ޓާޓާއިން އެއާ އިންޑިއާ ގަނެފައި ވަނީ އެކަމަށް ކުރިއަށް ގެންދިޔަ ބިޑްގައި އެންމެ ބޮޑު އަގު ހުށައަޅައިގެންނެވެ. އެކުންފުނިން ވަނީ އެއާލައިން ގަތުމަށް 18،000 ކުރޯޑު (2.3 ބިލިއަން ޑޮލަރު) ހުށައަޅާފަ އެވެ.

ބޮޑު ދަރަންޏެއްގައި ހިންގަމުން އަންނަ އިންޑިއާގެ ގައުމީ އެއާލައިން ޕްރައިވެޓައިޒްކުރުމަކީ އެ ގައުމުގެ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެކެވެ.

ޓާޓާއިން އެއާ އިންޑިއާ ގަނެފައިވާއިރު އެ އެއާލައިންގެ ދަރަނީގެ ގޮތުގައި އޮތް 15،300 ކްރޯޑް (ދެ ބިލިއަން ޑޮލަރު) ޓާޓާގެ ދަށަށް އަންނާނެ އެވެ. ހަމައެއާއެކު އެތައްހާސް މުވައްޒަފުން ހިމެނޭ އެއާ އިންޑިއާގެ ހުރިހާ މުވައްޒަފުން މަދުވެގެން އެއް އަހަރު ވަންދެން ވަޒީފާގައި ބައިތިއްބަން ޖެހޭނެ ކަމަށް މި ބިޑްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޓާޓާއިން އެއާ އިންޑިއާ ގަތްއިރު އެކުންފުނީގެ ބެލެނިވެރިކަމުގެ ދަށުގައި މިހާރުވެސް އިތުރު ދެ އެއާ ލައިންއެއް ހިންގަ އެވެ. އެއީ އެއާ އޭޝިއާ އިންޑިއާ އާއި ވިސްޓާރާ އެއާލައިންސް އެވެ.

އިންޑިއާގެ ސަރުކާރުން މި ޑީލް 2021 ވަނަ އަހަރުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރާއިރު މި ޑީލްގެ ސަބަބުން ވަޅު ޖެހިފައި އޮތް އެއާ އިންޑިއާގެ ހިންގުން ހަމައަކަށް އެޅޭނެ ކަމަށް މާހިރުން ބުނެ އެވެ. -- އެންޑީޓީވީ