ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ބުނެފި އެވެ.

އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 87 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތާރު އަޅައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި 16،488 އަކަމީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ އެމްޓީސީސީން ކުރިއަށް ގެންދަމުންނެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.