އައްޑޫގައި ގާއިމްކޮށްފައި ހުންނަ ފްލައިން ސްކޫލް އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)ގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގަަ އެވެ.

ރައީސް ވިދާޅުވީ މި ޖޮއިންޓް ވެންޗާ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފްލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމަށެވެ.

ރައީސް ވިދާޅުވީ ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާ ގުޅޭގޮތުން އޭއޭއޭގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރުންނާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެ ދަރިވަރުން ފާހަގަކުރެއްވި ގޮތުގައި އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.

މި ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމަށް މިބައްދަލުވުމުގައި ވަނީ ހާމަކުރައްވާފަ އެވެ. މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯންތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން ހަ މަސްދުވަސް ފަހުންކަމަށް ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.