ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް އުފުލުމުން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް މިރެއިން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު އެ ކުންފުނިން ވިއްކާ ފެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިބަދަލާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.16 ރުފިޔާ އަށެވެ. އެންމެ ފަހުން ވިއްކީ 10.72 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 11.84 ރުފިޔާ އަށެވެ. އެންމެ ފަހުން ޑީސަލް ލީޓަރެއް ވިއްކީ 10.95 ރުފިޔާ އަށެވެ.

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ބުނީ ފާއިތުވި ދެ މަސް ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުވެފައިވާ ކަމަށާއި އަދި ފާއިތުވި ހަތް އަހަރު ބޮޑުނުވާ މިންވަރަށް މިހާރު ތެލުގެ އަގުބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ އެ ކުންފުންޏަށް ވެސް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.