ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އއ. ތޮއްޑޫގައި އެގްރިސެންޓަރެއް ހުޅުވައިފި އެވެ.

މާލެއިން ބޭރުގައި އެސްޓީއޯއިން ހުޅުވި ފުރަތަމަ އެގްރި ސެންޓަރު ތޮއްޑޫގައި ހުޅުވީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.

ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އޭޕްރީލް މަހުގެތެރޭގަ އެވެ. އެ ސެންޓަރުން މިހާރުވަނީ ރާއްޖޭގެ 500 އެއްހާ ދަނޑުވެރިން ރަޖިސްޓްރީކޮށްފަ އެވެ.

އެސްޓީއޯ އެގްރިސެންޓަރަކީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ ވިއްކުމަށް ހުޅުވި ތަނެކެވެ. މި ސެންޓަރުން ގަންނާނީ ރަޖިސްޓްރީ ކޮށްފައިވާ ދަނޑުވެރިން އުފައްދާ ތަކެއްޗެވެ. އެންމެ ގިނައިން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ތޮއްޑޫގެ ދަނޑުވެރިންނެވެ.

ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއޮރާއެއްގައި ހިންގާ އެއް ރަށެވެ. އެހެންކަމުން އެ ރަށުގައި ހުޅުވި އެގްރިސެންޓަރުގެ ސަބަބުން އެ ރަށުގެ ދަނޑުވެރިންނަށް ފައިދާ ވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އެގްރި ސެންޓަރުން މިހާރު ދަނީ ދަނޑުވެރިންގެ އަތުން 17 ބާވަތެއް ގަންނަމުންނެވެ. އެގްރި ސެންޓަރު އުފެއްދުމުގެ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކޮށް، އެކަމުން ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ލިއްބައިދިނުމެވެ.