ސްޓެލްކޯއިން މިއަދު ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކުރުމަށް އެއްވެސް ސަރަހައްދަކު ކަރަންޓު ކަނޑާނުލައި ކުރިއަށް ގެންގޮސް، ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއަދު ކުރިއަށް ދިޔަ ޓެސްޓްތަކަކީ އެ ކުންފުނީގެ ސިސްޓަމްތައް އަދާހަމަކުރުމަށް ކޮންމެހެން ހަދަން ޖެހިގެން ހެދި ޓެސްޓްތަކެއް ކަމަށެވެ. ޓެސްޓްތައް ހަދާ ވަގުތުތަކުގައި ކަރަންޓް ކެނޑުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެ ސްޓެލްކޯއިން އިއްޔެ ހާމަކުރި ނަމަވެސް، މިއަދު ޓެސްޓްތައް ފުރިހަމަކުރި އިރު މާލެ އަދި ހުޅުމާލެގެ އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑައިގެން ނުދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނިންދޭ ޚިދުމަތް ރަނގަޅު ކުރުމަށް ކުރާ މަސައްކަތް އަބަދުވެސް ކުރަމުންދާކަމަށާއި، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި. ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، އަޅުގަނޑުމެންގެސިސްޓަމްތަށް އަދާހަމަ ކުރުމަށް މިގެންދަނީ އަބަދުވެސް މަސައްކަތް ކުރަމުން. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ.

މާލޭ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން، އެކުންފުނީގެ ސިސްޓަމްތަކުގެ މުހިއްމު ޓެސްޓުތަކެއް މިއަދު ހަދާފައިވާއިރު، ގްރޭޓާ މާލޭ އިންޓަކަނެކްޝަން މަޝްރޫއުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން އެކުންފުނިން މިހާރު ވަނީ ގުޅާލާފަ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެ އެވެ.