ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ނ. ހޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ހަދައިފި އެވެ.

ބީއެމްއެލް އިން ބުނީ މަހެއްގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ މަސްކަނޑާ ތަނަކީ ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް މިތަން ބޭނުންކުރެވޭ ގޮތަށް އަލިކޮށް، އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ ހާއްސަ މަސްކަނޑާތަނެކެވެ.

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް ކަމަށެވެ. އަދި ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރި ތަނުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އެހީގައި ހޮޅުދޫގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ބީއެމްއެލް

"ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް ކާމިޔާބުކުރި އެމްސީއެފް. ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އެހީގައި ހޮޅުދޫގައި ހެދި މަސްކަނޑާތަން. ފޮޓޯ: ބީއެމްއެލް

" މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއް،" ޝިމާއު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ވަނީ ބަހާލެވިފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައި ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވާފައި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ތިންވަނަ ފިޔަވަހީގައި ދިހަ ޕްރޮޕޯސަލް ހޮވާނެ ކަމަށެވެ. އަދި ބޭންކުން މިހާރު އަންނަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުން ކަމަށް އެ ބޭންކުން ބުންޏެވެ.