ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަން އިންޑިއާގެ ޖީއެމްއާރާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިތުރު އެއާޕޯޓެއް ނޭޅުމަށް އޭރުގެ ސަރުކާރުން އެއްބަސްވިކަން ހާމަވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ހިންގުމަށް ހަވާލުކުރި އެވެ.

އޭރުގެ ސަރުކާރާއި ޖީއެމްއާރު ކުންފުންޏާ ދެމެދު އެއްބަސްވުން ހެދިއިރު ރާއްޖޭގައި އޭރު ހުރި ބައިނަލްއަގުވާމީ އެއާޕޯޓުތަކުގެ އިތުރަށް އެހެން ބައިނަލްއަގުވާމީ އެއާޕޯޓެއް ހެދުން މަނާކޮށްފައިވާ ކަމަށް ހިމެނާފައިވެ އެވެ.

އޭރު ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި އެ ތިން އެއާޕޯޓުގެ އިތުރަށް އެއްވެސް އެހެން އެއާޕޯޓެއް ނޭޅުމަށް ރާއްޖެއިން ވަނީ ޖީއެމްއާރާއެކު އެއްބަސްވެފަ އެވެ.

ނަމަވެސް އެ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލުކުރައްވައި، މިދިޔަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދީފަ އެވެ.

އޭގެ އިތުރުން ޖީއެމްއާރަށް ބަދަލުގެ ފައިސާ ދައްކައި ރައީސް ޔާމީން ވަނީ ރާއްޖޭގައި އިތުރު އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށްފަ އެވެ. އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ.

ޖީއެމްއާރަށް އަނެއްކާ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އެއްބަސްވުން އެކުލަވާލުމަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުން ވާނެ ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމްއިން ގަބޫލުކުރެ އެވެ. އަދި ޕާޓީގެ މެމްބަރުންތައް ދަނީ އެފަދައިން އެކަން ނުކުރުމަށް ގޮވާލަމުންނެވެ.