ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވުމުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 31,801 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 12,934 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން އެކަނި މިހާތަނަށް 6,026 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނެވެ. އެ ގަމުން 3,377 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ 2,795 ޓޫރިސްޓުންނާއެކު އެމެރިކާއިންނެވެ. މީގެ އިތުރުން ވެސް އިނގިރޭސިވިލާތާއި ސްޕެއިން، ޖަރުމަނު، ފްރާންސް، ޔުކްރެއިން، ބްރެޒިލް އަދި އިންޑިއާއަކީ އިން ވެސް ރާއްޖެ ގިނަ އަދަދަށް ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ އައިސްފައި ވަނީ އެމިރޭޓްސް އިންނެވެ. އެ އެއާލައިނުން އެކަނި 13,379 މީހުން އުފުލާފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ މީހުން އުފުލާފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 13,250 މީހުން އުފުލި އެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން އުފުލީ އެއިރޯފްލޮޓް އިންނެވެ. އެ އެއާލައިނުން ވެސް 3,961 މީހުން އުފުލާފައިވެ އެވެ.

ރާއްޖެއަށް މިހާރު 12 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އެ އެއާލައިންތަކުން ޖުމްލަ 958 ފްލައިޓް މޫވްމަންޓްސް ހަދާފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ 1ން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އައިސްފައި ވަނީ 414,648 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 69 ޕަސެންޓް ދަށް އަދަދެކެވެ.