ރާއްޖޭގައި ކަސް ފާނަ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން އދ. މަހިބަދޫގައި އާލާކުރި ފާނަތައް ނެދަލެންޑްސްއަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އަންނަ މަހު ނެދަލެންޑްސްގެ އެމްސްޓަޑަމްއަށް ފޮނުވަން ތައްޔާރުކޮށްފައިވާ ފާނައިގެ ޝިޕްމަންޓަކީ ރާއްޖޭގައި އަލަށް ކުރިއަށްގެންދާ، ކަސް ފާނަ އާލާކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި އާލާކުރި ފާނަތަކެއް ކަމަށެވެ.

ފާނަ އެކްސްޕޯޓްކުރުމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ފާނައިގެ ފުރަތަމަ ޝިޕްމަންޓް ޔޫރަޕަށް ފޮނުވާލެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުރިއަށް ގެންގޮސް ރަނގަޅު ނަފާއެއް ލިބޭނެ މަސައްކަތެއްކަން ޔަގީންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ފާނައިގެ އިތުރު ޝިޕްމަންޓްތައް އެކްސްޕޯޓްކުރެވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

މޫދުކޮށީގައި ފާނަ އާލާކުރުމުގެ މަސައްކަތަކީ މެރިކަލްޗާ ކުރިއަރުވައި، ގިނަ ރައްޔިތުންނަށް އިގްތިސާދީ ނަފާ ލިބޭ މަސައްކަތެއްގެ ގޮތުގައި ތައާރަފުކުރުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ ދިގުމުއްދަތުގެ ޕްރޮގްރާމްގެ އެއް ގޮތްޕެވެ. ހެޗަރީގައި ފާނަ ވިއްސައި، މިތަކެތި މޫދުކޮށީގައި ބޮޑުކުރެވޭ މިންވަރަށް ބޮޑުކުރަން ގިނަ މަސައްކަތްތަކެއް ވަނީ އެ އިންސްޓިޓިއުޓުގެ މެރިކަލްޗާ ޕްރޮގްރާމްގެ ދަށުން ކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ކަސް ފާނަ އާލާކުރުމުގެ މަޝްރޫއަކީ މެރިކަލްޗަ ސިނާއަތެއް ގާއިމުކުރުމަށް ވޯލްޑް ބޭންކުގެ އެމިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ދަށުން މިއަހަރު ޖެނުއަރީމަހު ވަނީ އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ގުޅިގެން ފާނަ އަލާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިމަޝްރޫގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ފާނަ އާލާކުރާ ފަރާތްތަކަށް މި ޕްރޮޖެކްޓްގެ ދަށުން މޫދުކޮށްޓާއި، ކުދި ފާނައާއި، މަސްކާނާގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދޭ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަތައް ވަނީ ނީލާމުގައި ވިޔަފާރިވެރިންނަށް ވެސް ވިއްކާފަ އެވެ.