އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ވިޔަފާރިވެރިންގެ ހިޔާލުވެސް ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު، މިހެން ވިދާޅުވީ މިހާރު އއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ވަޒީފާ އަދާ ކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ މަޝްވަރާ ވެސް މުހިއްމު ކަމަށެވެ. އަދި މިނިމަމް ވޭޖު ކަނޑައަޅާނީ އެ ދެ ފަރާތުގެ ހިޔާލާ އެއްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. ވަޒީފާ ދޭ ފަރާތްތައް ނުވަތަ ވިޔަފާރިވެރިންވެސް މިނިމަމް ވޭޖާ ބެހޭ ގޮތުން ދެކޭ ގޮތް ހުށަހެޅުމަށް ތޮއްޑޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން މިނިސްޓަރަށް ދޭނެ ލަފާއެއް މިނިމަމް ވޭޖު ބޯޑުން ފާސްކޮށް ހުށަހަޅާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ފާސްކޮށްފައި ވަނީ 5،700 ރުފިޔާ އެވެ. މިގޮތަށް ހުށައަޅާފައި ވަނީ ވެސް މިނިމަމް ވޭޖު ކަނޑައެޅުމުގެ ތާރީހު އެތައް ފަހަރެއްގެ މަތިން ދިނުމަށްފަހު ރައްޔިތުން އަޑުއުފުލާ އިޖްތިޖާޖު ކުރަން ފެށުމުންނެވެ.

ރައީސް ސޯލިހު އަރިއަތޮޅު އުތުރު ބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ތޮއްޑޫގެ އިތުރުން ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދޫއަށެވެ.