"ވޯލްޑް ޓްރެވަލް އެވޯޑްސް"ގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެއިން ހަތަރު ކެޓަގަރީއަކުން އެވޯޑް ހޯދައިފި އެވެ.

1993 ވަނަ އަހަރު ތައާރަފްކުރި މި ޝަރަފުވެރި ޕްރޮގްރާމަކީ ދުނިޔޭގެ ފަތުރުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.

28 ވަނަ "ވާރލްޑް ޓްރެވަލް އެވޯޑްސް" ކާމިޔާބު ކުރި ކެޓަގަރީތަކަކީ:

  • އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަން 2021.
  • އިންޑިއަން އޯޝަންގެ ލީޑިންގް ބީޗް ޑެސްޓިނޭޝަން 2021.
  • އިންޑިއަން އޯޝަންގެ ލީޑިންގް ޑައިވް ޑެސްޓިނޭޝަން 2021.
  • އިންޑިއަން އޯޝަންގެ ލީޑިން ޓުއަރިސްޓް ބޯޑް 2021

އިންޑިއަން އޯޝަން ލީޑިން ޓުއަރިސްޓް ބޯޑްގެ އެވޯޑް ލިބިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނަށެވެ.

މިއެވޯޑްތަކާ ގުޅޭ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ވޯލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއަން އޯޝަންގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ލިބުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ މުޅި ޓުއަރިޒަމް އިންޑަސްޓްރީ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވާ، އިންޑަސްޓްރީގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ދެންނެވި އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީއަށް، އިންޑިއަން އޯޝަންގެ ލީޑިން ޓުއަރިސްޓް ބޯޑުގެ އެވޯޑް ލިބުމަކީ ވަރަށް ޚާއްޞަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ އެވޯޑްގެ ފަހަތުގައި ވަނީ އެމްއެމްޕީއާރުސީގެ ޓީމު، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ދަތި ދުވަސްތަކުގައި، ކުރި އިޚުލާސްތެރި ބުރަ މަސައްކަތް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ، ރާއްޖެއަށް ޒިޔާރަތްކުރުމަށް ފަތުރުވެރިންނަށް ދައުވަތު އެރުވި އެވެ.

ކޮވިޑްގެ ބަލިމަޑުކާއެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ދިވެހިރާއްޖެއަށް 555,494 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު މިހާތަނަށް 923,146 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރާތްކޮށްފައިވެ އެވެ. މި އަހަރު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރާތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ފާއިތުވެދިޔަ 17 އަހަރު ތެރޭގައި 13 ފަހަރެއްގެ މަތިން ދިވެހިރާއްޖެ ވަނީ އިންޑިއަން އޯޝަންގެ އެންމެ މަޤުބޫލު މަންޒިލްގެ މަގާމު ހާސިލްކޮށްފަ އެވެ.