މިދިޔަ ހުކުރު ދުވަހު މާލެއިން ފަސްގަޑިއެއްހާ އިރަށް ކަރަންޓު ކެނޑުނީ ނެޓްވޯކުގެ މެއިން ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ހުރިހާ އިންޖީނުތައް ނިވިގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ހުކުރު ދުވަހު ކޭބަލަށް މައްސަލައެއް ޖެހުމުން އޮޓޮމެޓިކުން ޝަޓްޑުންވި ކަމަށެވެ.

ހުކުރު ދުވަހު މާލެއިން ކަރަންޓު ކެނޑުނީ ހެނދުނު 8:30 ހާ އިރު އެވެ. އޭގެ ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މުޅި މާލެއަށް ކަރަންޓު އަލުން ލިބުނީ މެންދުރު 1:00 ހާއިރު އެވެ.

"އަޅުގަނޑުމެންގެ ސިސްޓަމް ރޭވިފައި މިއޮންނަ ގޮތުން ވާގޮތަކީ ކްރިޓިކަލް ކޭބަލަކަށް މައްސަލައެއް ދިމާވެއްޖިއްޔާ ޖެނެރޭޓަރުތައް އޮޓޮމެޓިކަލީ އެބަ ޝަޓްޑައުންވޭ. މިއީ ވަރަށް ނާދިރު ހާލަތެއްގައި މިވަރުގެ ބޮޑު މައްސަލައެއް މި ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.

މުޣުނީ އެތަނުގެ ސިސްޓަމްތައް އެ ގޮތަށް ހެދިފައި ހުންނަނީ ޖެނެރޭޓަރަކަށް މައްސަލައެއް ޖެހިދާނެތީ ކަމަށެވެ.

އަޅުގަނޑުމެންގެ ސިސްޓަމް ރޭވިފައި މިއޮންނަ ގޮތުން ވާގޮތަކީ ކްރިޓިކަލް ކޭބަލަކަށް މައްސަލައެއް ދިމާވެއްޖިއްޔާ ޖެނެރޭޓަރުތައް އޮޓޮމެޓިކަލީ އެބަ ޝަޓްޑައުންވޭ. މިއީ ވަރަށް ނާދިރު ހާލަތެއްގައި މިވަރުގެ ބޮޑު މައްސަލައެއް މި ދިމާވަނީ،
މުޣުނީ

"އެހެންވީމަ އެއީ ޕްރޮޓެކްޓިވް ސިސްޓަމެއްގެ ގޮތުގައި އެގޮތަށް ރޭވިފައި އެ ހުންނަނީ. ހުރިހާ ޖަނަރޭޓަރުތައް ޝަޓްޑައުންވީމަ މާލެ ބްލެކްއައުޓަކަށް މިދިޔައީ. މި ހިސާބުން އަޅުގަނޑުމެން މަސައްކަތް ފެށި މައްސަލަ އައިޑެންޓިފައިކުރަން،" އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ މައްސަލަ ހޯދުމަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް ވަކި ޓައިމް ޕީރިއަޑެއް ކަނޑައަޅާފައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ. އެހެން ނަމަވެސް އަޅުގަނޑުމެން ކަރަންޓު ދެމުން ގެންދަނިކޮށް އަނެއްކާ ވެސް ޝަޓްޑައުންވީމަ އެހާ ދިގުދެމިގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ސިސްޓަމަކަށް މައްސަލައެއް ދިމާވި ނަމަވެސް ހުރިހާ އިންޖީނުތަކެއް ނުނިވޭ ކަމަށެވެ. އޭގެ ބަދަލުގައި ނިވޭނީ އިންޖީނުތަކާ ގުޅިފައި ހުންނަ ފީޑަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު އެހެން ދިމާވުމުން ފަހަރަކު ފީޑަރެއް ޖައްސަމުން ގޮސް މުޅި މާލެއަށް ކަރަންޓު ދިނީ،" މުޣުނީ ވިދާޅުވި އެވެ.

މިފަދަ މައްސަލަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ދެންނެވުމުން އޭނާ ވިދާޅުވީ ސިސްޓަމް އަޕްގްރޭޑު ކުރުމާއި ޖަނަރޭޓިން ކެޕޭސިޓީ އިތުރު ކުރުމަކީ މެދު ނުކެނޑި ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކަން ކުރަމުން އައީ އެންމެ އެކަށީގެންވާ ފެންވަރުގައި ނޫން ކަމަށް މުޣުނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ނެޓްވޯކަކީ ވަރަށް ގިނަ ދުވަސްވެފައި އޮތް ނެޓްވޯކެއް. އަދި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި ފަހަރު ގެންދިޔަ ނަމަވެސް ވޭތުވެދިޔަ ހައެއްކަ އަހަރު ނުވަތަ ދިހަ ވަރަކަށް އަހަރުގެ ތެރޭގަ އެންމެ އެކަށީގެންވާގޮތުގައި ނެތް ގެންދެވިފައި،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ މާލޭގެ ކަރަންޓު ނެޓްވޯކަކީ ދުވަސްވެފައިވާ ނެޓްވޯކަކަށްވުމުން އަޕްގްރޭޑުގެ މަސައްކަތް ރަނގަޅަށް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ސްޓެލްކޯއާ ހަވާލުވެވަޑައިގެން ފަހުން އަޕްގްރޭޑު ކުރުމުގެ މަސައްކަތާއި ޖަނަރޭޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.