ބެންކޮކް (22 އޮކްޓޯބަރު) - އިތުރު 46 ގައުމަކުން ތައިލޭންޑަށް ދަތުރުކުރެވޭ ގޮތް ހަދައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ އުސޫލަކަށް އަމަލުކުރަން ފެށޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗަން ވިދާޅުވެއްޖެ އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ތައިލޭންޑަށް ދަތުރު ކުރެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮވިޑް ލޯ ރިސްކް 10 ގައުމެއްގައި މަދުވެގެން 14 ދުވަސް ހޭދަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ނަމަވެސް އެ އުސޫލަށް ބަދަލު ގެނެސް މިހާރު ވަނީ އިތުރު 46 ގައުމަކުން ވެސް އެ ގައުމަށް ދަތުރު ކުރެވޭނެ ގޮތް ހަދާފަ އެވެ.

ބުރާސްފަތި ދުވަހު ޗަން އޯ ޗަން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ތައިލެންޑް ހުޅުވާލުން އަވަސް ކުރަން ޖެހިފައިވާ ކަމަށް ބުނެފައިވާއިރު އިތުރަށް ދަތުރުފަތުރު ހުޅުވާލީ ކޮން ގައުމުތަކަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

"ފުރިހަމައަށް ތައްޔާރު ވެވެންދެން ހުޅުވުން ލަސްކޮށްފި ނަމަ މާ ލަސްވާނެ. އެކަމުގެ ސަބަބުން ތައިލޭންޑަށް އަންނަ ފަތުރުވެރިން މަދުވެ ފަތުރުވެރި ކަމަށް އަސަރު ކުރާނެ،" ޗަން އޯ ޗަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަތުރުފަތުރު ފުޅާކުރުމުން ކޮވިޑް 19ގެ ނުރައްކާ ބޮޑު ވެދާނެކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވަން މިހާރު ނަގަން ޖެހިފައިވާ ރިސްކެއް ކަމަށެވެ.

މި 46 ގައުމުގެ މީހުންނާއެކު ކޮވިޑް ލޯ ރިސްކް ކެޓަގަރީއިން ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިން ކަރަންޓީނަކާ ނުލައި އެގައުމަށް އެތެރެ ވެވޭނެ އެވެ. ނަމަވެސް ދަތުރުގެ ކުރިން ދެޑޯޒު ވެކްސިން ފުރިހަމަ ކޮށްފައި ވާންވާނެ ކަމަށާއި ނެގެޓިވް ޕީސީއާރު ޓެސްޓު ހުށައަޅަން ޖެހޭނެ ކަަމަށް އާ އުސޫލުގައިވެ އެވެ.

އެއާއެކު ތައިލެންޑްގައި ވެސް ވެކްސިން ކެމްޕެއިންތަކުގެ ދުވެލި އަަވަސް ކޮށް އެގައުމުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ޗަން އޯ ޗަން ވިދާޅުވި އެވެ. -- ބެންކޮކް ޕޯސްޓް