މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިމާރާތެއް އެޅުމަށް ހުޅުމާލެއިން ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިހެން ވިދާޅުވީ ހުޅުމާލެ ޕޯޓުގައި އައު ސެކިއުރިޓީ އިމާރާތެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެމްޕީއެލްގެ އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ފާހަގަކޮށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މުވައްޒަފުންނަށް ފަސޭހަވެ، މަންފާކުރާނެ ގޮތަށް އެމްޕީއެލްގެ އޮނިގަނޑު ބަދަލުކުރުމުގެ މަަސައްކަތް ފަށާފައި ކަމަށް ވިދާޅުވެފަ އެވެ.

ޝާހިދު ވިދާޅުވިގޮތުގައި އެކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުމެވެ.

""ބޭނުމަކީ ހުރިހާ މުވައްޒަފުންނަށް ރަނގަޅަށް ހަމަހަމަކަމާއެކު ހައްގުތަށް ފޯރުކޮށް ދެވޭނެ ގޮތަކަށް އެމްޕީއެލްގެ މަސައްކަތްތަށް ކުރިއަށް ގެންދިޔުން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ޝާހިދު ވަނީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފަ އެވެ.

މި މަގުސަދުގައި އެޗްޑީސީން އެމްޕީއެލްއަށް ބިން ދިނުމަށް ހަމަޖައްސާފައިވާއިރު، އެކުންފުންޏަށް ބިން ދިނުމަށް ނިންމާފައި ވަނީ ސީދާ ކޮން ތަނަކުން ކަމެއް ނުބުނެ އެވެ.