ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ލޯފަން މީހުންގެ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިންޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ބާއްވާ އަހަރީ ކޭމްޕްއަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޓީއެމްއޭގެ ހާއްސަ އެހީ ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ސީޕްލޭން ބޭސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ އާއި ކުންފުނިީގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް މެމްބަރުންގެ އިތުރުން އެ ޖަމިއްޔާގެ ރައީސް އަލީ ޝަމީމް އާއި ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓާ ޒިޔާއު ވެސް ބައިވެރިވި އެވެ.

މިއީ އެ ޖަމިއްޔާއިން އަހަރީ ކޭމްޕް ބާއްވާ ފަސްވަނަ ފަހަރަށް ވާއިރު، މިއަހަރުގެ އަހަރީ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.

މި ކޭމްޕްގައި ގިނަ ހަރަކާތްތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ފަސްޓް އެއިޑް ޓްރެއިނިން އާއި ކަސްރަތާއި، ރިކްރިއޭޝަނަލް ހަރަކާތްތަކުގެ އިތުރުން ކުއްލި ހާލަތްތަކުގައި ދެވޭ ރެސްޕޮންސް އަށް ޓްރެއިން ކުރުމާއި ވޯޓާ ސްޕޯޓްސްޑޭ އާއި ލީޑަޝިޕް ޓްރެއިނިންގް ޕްރޮގްރާމާއި އޭވިއޭޝަން ޓްރެއިނިން އަދި ބްލަޑް ޑޯނޭޝަން ޑޭ ހިމެނެ އެވެ.

އެ ޖަމިއްޔާއިން ވަނީ ލޯފަން މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް 2010 ވަނަ އަހަރުން ފެށިގެން ހޭލުންތެރިކުރުވައި ހަރަކާތްތެރިވަމުންނެވެ. އަދި އެޖަމިއްޔާގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއެރުވުމަށް އެންޖީއޯއިން އިސްނަގައިގެން އައު އަދި އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ގިނަ ބަޔަކަށް ހޭލުންތެރިކަން ލިބޭކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ޓީއެމްއޭއިން ދަނީ އެފަދަ ހަރަކާތްތަކަށް އެއްބާރުދިނުމަށްޓަކައި ލޯކަލް އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އެ ކުންފުނިން އަންނަނީ ދަތުރުކުރާ ސަރަހައްދުގެ ރަށްތަކުގައި އުޅޭ ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް ވެސް ހިލޭ ދަތުރުކޮށްދެމުންނެވެ.