އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓް އަންނަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމަވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް، 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު އާންމުކޮށް ބަޖެޓް މަޖިލީހަށް ފޮނުވުމަށްފަހު، މިނިސްޓަރު ޕްރެޒެންޓްކުރާ ގޮތަށް ކުރިން އޮތް ނަމަވެސް މިއަހަރު ބަޖެޓް ހުށަހަޅާނީ މިނިސްޓަރު މަޖިލީހަށް ވަޑައިގެން ބަޖެޓް މަޖިލީހަށް ފޮނުވާ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަންޏާއި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022 އިން 2024އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންނަ އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފަ އެވެ. އަދި ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު މި އަދަދު އެ ވަރަށް ކަނޑައަޅާފައި ވަނީ ބަޖެޓުގައި މިއަށް ވުރެ އިތުރަށް ޖާގަ ދެވެން ނެތިގެން ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރާނެ އެވެ. މިގޮތަށް ޖުމްލަ 33.8 ބިލިއަން ރުފިޔާ ބަޖެޓު ހަރަދުގެ ގޮތުގައި ހަމަޖެހިފައިވާއިރު ބަޖެޓު ބާކީއަކީ ލޯން އަނބުރާ ދެއްކުމަށް ހިނގާ ހަރަދެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވާއިރު ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތަަކަށް ބަލާއިރު އަހަރު ވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ޑެފިސިޓް 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމާފަ އެވެ.