ބޮޑެތި ލުއިތަކަކާއެކު ރިސޯޓު ތަރައްގީކުރަން 18 ރަށެއް ބީލަމަށް ލައިފި އެވެ.

ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން އަލުން ބީލަމަށް ރަށްތައް ހުޅުވާލީ މިހާރު ކުރިޔަށްދާ ދުބާއީ އެކްސްޕޯ 2020ގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިންނެވެ. މި ރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ރިސޯޓު ހެދުމަށް ބީލަމަށް ލި ރަށްތަކުގެ ތެރެއިން ނުވިކުނު ރަށްތަކެވެ.

ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލި ރަށްތައް:

  1. ހއ. މެދަފުށި - 10.90 ހެކްޓަރު
  2. ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު
  3. ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު
  4. ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
  5. ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު
  6. މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު
  7. މ. މާއުސްފުށި - 10.40 ހެކްޓަރު
  8. ފ. އެނބުލުފުށި - 1.00 ހެކްޓަރު
  9. ފ. ޖިންނަތުގައު - 0.89 ހެކްޓަރު
  10. ތ. ކާއްޑޫ - 3.9 ހެކްޓަރު
  11. ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު
  12. ލ. ކަށިދޫ - 3.1 ހެކްޓަރު
  13. ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު
  14. ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު
  15. ގއ. މާރެހާ - 17 ހެކްޓަރު
  16. ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު
  17. ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
  18. ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު

އެ ރަށްތަކުގެ އިތުރުން އަލަށް ބީލަމަށް ލާފައި ވަނީ ހއ. މެދަފުއްޓާއާއި، ށ. ކުޑަޅައިމެންދޫއާއި، ރ. އެއްތިގިލި ހިމެނޭހެން އަލިފުށީ ފަޅުން 10 ހެކްޓަރުގެ ސަރަަހައްދަކާއި ފ. އެނބުލުފުށި އާއި ފ. ޖިންނަތުގައު އެވެ.

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އެއްފަޅެއްގައި ކައިރި ކައިރީ ހުންނަ ރަށްތަކާއި ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ. އަދި މިފަހަރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑު ހުށަހެޅުމަށް ވަނީ ކުރިއާ ހިލާފަށް ދިގު މުއްދަތެއް ދިނުމަށްފަހު އެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި ރަށްތައް ހޯދުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އަންނަ ނޮވެމްބަރު 4 ވަނަ ދުވަހު އަދި ޖެނުއަރީ 20، ވަނަ ދުވަހު އޮންނާނެ ކަމަށެވެ. މި ބައްދަލުވުންތައް ބާއްވާނީ ވާޗުއަލްކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުން ކުރިން ވަނީ ރިސޯޓް ތަރައްގީކުރާ ފަރާތްތަަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރިސޯޓް ތަރައްގީކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށް ވެސް ރަށްތައް ދޫކުރުމަށް ނިންމާފައިވެ އެވެ.