ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލުކުރި ލިޔުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތުދީދީ ވިދާޅުވީ، މިއަދަކީ މިނިސްޓްރީއަށް ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ނުކޮށް ބޭނުން ނޮކޮށް ހުންނަތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިން ޑިރެކްޓަރު މުޣުނީއަށާއި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވި، އެންމެހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް މިނިސްޓަރު ވަނީ ދަންނަވާފަ އެވެ.

"މިވަގުތު ވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށް ވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލިފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ."

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށް ވެސް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައިމިވަނީ އަޅުގަނޑުމެންނާއި އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން،" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހިންގި ފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއް ނެތި ކުރަމުންގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާ އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށްޓަކައި، ނައިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުޣުނީ ވަނީ ޝުކުރު ދަންނަވާފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި ދެ ފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓްކޮށް ބެއްދުން ހިމެނެ އެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވާގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރައްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފަ އެވެ.