ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ "ފިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

އެ ބޭންކުން ބުނިގޮތުގައި ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަ ކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރާ މަސައްކަތުގައި ހަވަނަ އަހަރު ވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ސީއެސްއެމް އިން ހިންގާ ވާޗުއަލް އިވެންޓަކީ ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް. މި ހަރަކާތުގެ އެންމެހާ ބައިވެރިންނަށް މަރުހަބާ ކިޔަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މި ޕާޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސާ ސްކްރީން ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.