އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ސ. ގަމުގައި ފްލައިޓް ޓްރެއިނިން ސްކޫލް ހިންގަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ސޮއިކޮށްފި އެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވި އެވެ.

ފްލައިޓް ޓްރެއިނިން ސްކޫލަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސޮއިކުރި "ފެސިލިޓީޒް ލީޒް އެގްރީމެންޓް"ގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

އައިއޭއެސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ހެނގަރާއި، އޮފީސް އިމާރާތެއް ފްލައިޓް ފްލައިން ސްކޫލް ހިންގުމަށް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން އުފައްދާ ފްލައިޓް ޓްރޭނިންގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތައް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އައިއޭއެސް

އައިލެންޑް އޭވިއޭޝަނުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން ފްލައިޓް ޓްރެއިނިން ސްކޫލެއް ހިންގުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިމަހުގެ 14ވަނަ ދުވަހު އެވެ.

މި ފްލައިޓް ޓްރެއިނިން ސްކޫލް ހިންގާނީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ މި ފްލައިޓް ޓްރެއިނިން ސްކޫލް ހިންގުމަށް ހަވާލުކޮށްފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ އެވެ.

އެ އެކަޑަމީއާއި ސްކޫލް ހިންގަން ހަވާލުކުރަން ނިންމާފައި ވަނީ އޯޕަން ޓެންޑަރިންނަށް ހުޅުވާލުމުން ލިބުނު ޕްރޮޕޯސަލްތަކަށް ބަލާ، މަސައްކަތުގެ ކޮލެޓީއާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ.

އައިއޭއެސް އިން ބުނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއަކީ އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީންކުރުމުގައި 30 އަހަރުވެފައިވާ، ތަޖުރިބާހުރި އެކަޑަމީއެއް ކަމަށެވެ. އަދި މި އެކަޑަމީން މިހާރު ވެސް ދިވެހި ދަރިވަރުން ތަމްރީންކުރަމުން އަންނަ އެކުންފުނިން ބުންޏެވެ.

އައިއޭއެސް އިން ބުނީ އަމާޒަކީ އަލަށް މި އުފައްދާ ޓްރެއިނިން ސްކޫލުން ހަމައެކަނި ޕައިލެޓުން ތަމްރީންކުރުމުގެ ބަދަލުގައި އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ތަފާތު ހުނަރުގެ ދިވެހިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމަށެވެ.

އައިއޭއެސް އިން ބުނީ އަލަށް އުފައްދާ މި ފްލައިޓް ޓްރެއިނިން ސްކޫލުގެ ކިޔެވުން މިއަހަރު ނިމެންވާއިރަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޓްރެއިނިންގ ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއް ދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް ކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށް ވެސް ދެވެންހުރި ލުއިތައް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.