ޔޫއޭއީގެ ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި، ރާއްޖެއާއި އެމިރޭޓްސް އެއާލައިންގެ ގުޅުން ދެމެހެއްޓުމަށްވި އެއްބަސްވުން އަލުން އައުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން، ޝެއިހް އަހްމަދު ބިން ސައީދު އަލް މަހްތޫމް އާއި އެމިރޭޓްސްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވްއާއި ކުންފުނީގެ އެއާލައިން އަދި ގްރޫޕް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި އެއްބަސްވުމުގައި އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސްވީޕީ ކޮމާޝަލް ވެސްޓް އޭޝިޔާ އެންޑް އިންޑިއަން އޯޝަން އަހުމަދު ޚޫރީ އެވެ. އަދި ރާއްޖެއިން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ އެސްވީޕީ ކޮމާޝަލް ވެސްޓް އޭޝިޔާ އެންޑް އިންޑިއަން އޯޝަން ޚޫރީ ވަނީ ރާއްޖެއަށް 34 އަހަރު ވަންދެން އެކުންފުނިން ހިދުމަތް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖެއަށް ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ 170،000 އަށް ވުރެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް އެމިރޭޓްސްއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އަދި އެމިރޭޓްސް އާއި އެކު ވެވުނު މި އެއްބަސްވުމާއި އެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

1987 ވަނަ އަހަރުތަކުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް މި ހިދުމަތް ދޭން ފަށާފައިވާއިރު، އެމިރޭޓްސްއިން ރާއްޖެއަށް ހަފްތާއަކު 28 ދަތުރުކުރެ އެވެ. ހަމައެހެންމެ އެމިރޭޓްސްގެ ކާގޯ ހިދުމަތްތަކާއި އެކުވެސް ރާއްޖޭގެ އެކި ވިޔަފާރިތަކަށް މަންފާ ހޯދައިދެ އެވެ.