މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.

އިސްލާމިކް ބޭންކިންގެ ހިދުމަތްދޭން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސީއީއޯ ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފަތުރަނީ ދޮގު ވާހަކައެއްކަން ބޭންކުގެ ހިއްސާދާރުންނަށާއި ކަސްޓަމަރުންނަށް އަންގާ ކަމަށެވެ.

އެމްއައިބީން އެހެން ބުނި ނަމަވެސް އެތެރޭގެ މައްސަލަތަކަކާ ގުޅިގެން ބޭންކުގެ ބޯޑުން ވަނީ ސީއީއޯ ސަސްޕެންޑްކުރަން ދާދި ފަހުން މަޝްވަރާކޮށްފަ އެވެ. އަދި ސީއީއޯގެ ބައެއް ޒިންމާތައް ނަގާފައިވާ ކަމަށް ވެސް އިތުބާރުހުރި ފަރާތަކުން ބުންޏެވެ.

ބޭންކުގެ ސީއީއޯ މަގާމު އަދާކުރައްވާ ބަންގްލަދޭޝްގެ އަބްދުލް އެހްތެޝާމްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެ ބޭންކުގެ ސީނިއާ މުވައްޒަފުންތަކެއް ބޯޑަށް ހުށަހެޅި ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އެމްއައިބީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ދިވެހި ސަރުކާރާއި އައިސީޑީ ގުޅިގެން 2011 ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފަ އެވެ.