މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ވެބްސައިޓްގައި ރޭ އާންމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި އެކުންފުނިން ކުރިއަށްގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއެރުމާއި ގުޅިގެން އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައި ނުވުމާއެކު ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓާއާއި އަޅާބަލާއިރު ހަ އިންސައްތަ ދަށްވެފައި ކަމަށެވެ.

ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނައި، ތިންވަނަ ކުއާޓަރުގައި، އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު ފަސް އިންސައްތަ ދަށްކުރެވިފައިވާ ކަމަށާއި، ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސްތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓްގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބިިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި 154 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބުނެފަ އެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓާގައި އެކައުންޓް ކުރުންކަމަށް އެކުންފުނިން ބުންޏެވެ.

މިގޮތުން ޓެކްސްއަށް ކެނޑުމަށްފަހު އެ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި އެއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.