ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދޭ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ނޮވެމްބަރު 15ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރ. ލިބޭނެ ކަމަށެވެ. ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިދޭއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000ރ. އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000ރ. ލިބޭނެ އެވެ.

މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރެއް ވެސް ދޭން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

"މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާ ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ.